ސްރީލަންކާއަށް ދާ ދިވެހިންނަށް އެއްވެސް އުނދަގުލަކާނުލައި، ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމުގެ ޔަގީންކަން އެގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ، ޓިރަން އެލެސް ޔަގީންކޮށްދެއްވައިފި އެވެ. ފޮރިން މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުގައި މިއަދު އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަންއާ ބައްދަލުކުރައްވައި، ދިވެހިންނަށް ވިސާ ހޯދުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ލަންކާއިން އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް މި ފަހުން ގެނައި ބަދަލަކާ ގުޅިގެން ދިވެހިންނަށް ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވަާފަ އެވެ.

އެގޮތުން ލަންކާގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންނާއި އާއިލާތަކަށް ވެސް ވިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވައި، އެކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަރ ޒަމީރު އެފަދައިން އެދިވަޑައިގަތުމުން ޓިރަން ވަނީ ދެ ޤައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި، އެކަން ލިޔުމުން ޔަޤީން ކޮށްދެއްވާފައެވެ. އަދި ސްރީލަންކާގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ޓިރަން ދެއްވިއެވެ. މީގެއިތުރުން ވެސް ވަޒީރު ޒަމީރު ޙިއްސާކުރެއްވި ކަންބޮޑުވުންތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ އިތުރު ދަތިތައް ވެސް ހައްލުކޮށް ދެއްވައި، ކައިރި މުސްތަޤުބަލެއްގައި، ލިޔުމުން ޙިއްސާކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ މިއަދު ވަނީ ދެއްވައިފައެވެ. ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބުރީގެ ދައުވަތަކަށް މިނިސްޓަރު ޒަމީރު އެގައުމަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގަންނަވާނެ އެވެ.