މިއަހަރުގެ އަޟުހާ އީދު ބަންދަށް ހަފްތާއެއްހާ ދުވަސް ދޭން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން އެގޮތަށް ނިންމީ މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައެޅުއްވުމާއެކުގައެވެ. ޖޫން މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ މުއިއްޒު ހަމަޖެއްސަވާފައި ވަނީ މި 1445 އަހަރުގެ ހައްޖުމަހުގެ ހަނދު، ކަލަންޑަރުގައި ދުވަސްތައް ކަނޑައަޅާފައިވާ ގޮތަށް ބަދަލުއައުމާ ގުޅިގެންނެވެ. ސައުދީ އަރަބިއްޔާއަށް މިއަހަރުގެ ހައްޖުމަހުގެ ހަނދު ފެނުމާ ގުޅިގެން މިހާރު އަރަފާތު ދުވަހަކީ 2024 ޖޫން 15 ވާ ހޮނިހިރު ދުވަސް ކަމަށާއި، އަދި އަޟްޙާ ޢީދު ދުވަހަކީ، 2024 ޖޫން 16 ވާ އާދީއްތަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ކަނޑައަޅުއްވާފައެވެ. މި އަހަރުގެ ޙައްޖު ދުވަހާއި، އަޟްޙާ ޢީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ، އަޟްޙާ ޢީދުގެ މުނާސަބަތުގައި ބަންދުވާ މި ޖޫން މަހުގެ 17، 18، 19 މި ތިން ދުވަހެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން، މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ބަންދު ދުވަހެއް ކަމުގައި ބަލައިގެން، ރާއްޖޭގެ އެކި ރަށްރަށަށާއި ރާއްޖެ އިން ބޭރަށް ދިއުމަށް ގިނަ އަދަދެއްގެ މުވައްޒަފުން، ޢީދު ބަންދުގައި ދަތުރުތައް ހަމަޖެއްސުމާއެކު ޢީދު ބަންދަށްފަހު، މި ޖޫން މަހުގެ 20ވަނަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެކަމަށް ފެނިވަޑައިގަންނަވާތީ، 2024 ޖޫން 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ މުއިއްޒު މިވަނީ ހަމަޖެއްސަވާފައެވެ. މިހެންކަމާއެކު، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، 2024 ޖޫން 23 ވާ އާދީއްތަ ދުވަހުއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.