އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ގާނޫނަށް އިސްލާހު ގެނައުމާމެދު އެމްޑީޕީން ހުށަހެޅި ބިލު، ޕީއެންސީގެ ވޯޓާއެކު މަޖިލީހުން ބަލައިގަނެ، ކޮމެޓީއަށް ފޮނުވައިފިއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު"، މި ގާނޫނުގެ އަށް ވަނަ މާއްދާ އަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

"ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު"، މި ގާނޫނުގެ އަށް ވަނަ މާއްދާ އަކީ، ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައިވާ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާކުރުމަށް ފޮނުވާފައި ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އަށެވެ. ސަރުކާރުން ވެސް ވަނީ އިޒުރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ފަށާފައެވެ. އެ މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް ނަގައި، ވަނީ އެ މަސައްކަތް ފަށާފައެވެ.