ފަލަސްތީނަށް އެހީވާ އދގެ ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުންގެންދާ ފައިސާގެ އެހީ 50 ހާސް ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ރާއްޖެއިން ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ ޔޫއެންއިން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން، ވުޖޫދަށް އައި ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ގޮތްޕެކެވެ. މި ފަންޑަށް ކޮންމެ އަހަރަކު ރާއްޖެއިން އަންނަނީ 5000 ޑޮލަރުގެ އެހީއެއް ދެމުންނެވެ. ޔަހޫދީ އިސްރާއިލުން ދެމުންދާ ލާއިންސާނީ ޙަމަލާތަކާއި ގުޅިގެން، މިއަހަރު ރާއްޖެއިން ދޭ އެހީ 10 ގުނަ އިތުރުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށް ހާރިޖީވަޒީރު ވަނީ ވިދާޅުވެފަައެވެ.

"ރާއްޖެއިން ދެމުން އަންނަނީ އަހަރަކު 5000 ޑޮލަރު. އެކަމަކު 7 އޮކްޓޯބަރުން ހިންގަމުންދާ އިސްރާއިލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، މިއަހަރު ރާއްޖެއިން އެހީގެ ގޮތުންގައި 50000 ޑޮލަރު ދޭން ވަނީ ނިންމާފައި. އެއީ މިހާރު ދޭ މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދު." ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ވަޒީރު ވިދާޅުވީ މި ފައިސާ ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ މެދެވެރުކޮށް، ޚާރިޖީ ވުޒާރާގެ ބެލުމުގެދަށުންކަމަށެވެ. އަދި މަސައްކަތް ކުރިއަށްގެންދިއުމަށް "ކްރޯ މޯލްޑިވްސް އެލްއެލްބީ" ކިޔާ މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ޓެލެތޯންގައި ލިބޭ ފައިސާ، ފަލަސްޠީނަށް ހަވާލުކުރުމުގެ މަސައްކަތް ގެންދާނީ އދގައި އެކަމަށް ޚާއްސަ ފަންޑު މެދުވެރިކޮށް ވަރަށް ދެފުއްފެން ގޮތަށްކަމަށް ވެސް ވަޒީރު ވަނީވިދާޅުވެފައެވެ. އަންރުވާއިން މި ފައިސާ ޚަރަދުކުރާނީ، އެހީތެރިވުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަޑުތަކުންކަމަށާއި އަދި މިއީ އދއިން ކޮންމެ އަހަރަކު އޮޑިޓްކުރާ ފަންޑެއްކަމަށްވެސް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.