މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް) ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 186 އަށް އަރާފައެވެ.
ރާއްޖެއަކީ މީގެ ނުވަ އަހަރު ކުރިން ހިމަބިހި މުޅިން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، މިދިޔަ މޭ މަހުގެ ތެރޭގައި އަލުން މި ބަލި ފެންނަން ފެށި ފަހުން، ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.
ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މިހާރު ކުރިއަށްދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 12,000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިއްސަކީ "މީސްލްސް ވައިރަސް" ނުވަތަ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް" އެއްގެ ސަބަބުން ޖެހޭ، ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މިއީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށް ބެލެވުނު ނަމަވެސް، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް މި ބަލީގެ ނުރައްކާ އޮވެއެވެ.
ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަކީ އެންމެ މުހިންމު ފިޔަވަޅު ކަމަށްވާތީ، ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އިލްތިމާސްކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.