ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުދައްރިސުން، ސްކޭމް ކޯލުތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެ ގޮސްފިއެވެ.

ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުދައްރިސުން، ސްކޭމް ކޯލުތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެ ގޮސްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ.

ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މީސްމީޑިއާ މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށާއި އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، ސޯޝަލް މީޑިއާ އެކައުންޓު ހެކްކޮށް އާއިލާ މީހުންނާއި ރައްޓެހިންނަށް މެސެޖުކޮށް ފައިސާއަށް އެދެމުން އަންނަ މައްސަލަތައް އިތުރުވަމުންދާތީ، އެކަންކަމުން ސަލާމަތްކޮށް ރައްކާތެރިކުރުވުމަށް ވެސް މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން ފޯނަށް އަންނަ އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި ސްކޭމް ކޯލުތަކަށް ވާހަކަނުދެއްކުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކުގައި ވިކްޓިމައިޒްވާ މީހުން ކަންކުރަންވީ ގޮތް އޮޅުންފިލުވައިދީ މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ވީހާ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައިވެއެވެ.