ޑެންގީ ހުން ޖެހިގެން އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ހަތް ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ދެރަކަމަށާއި އެކުއްޖާއަށް އައިސީޔޫގައި ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެޑްމިޓް ކޮށްގެން ކަމުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ އަހުމަދު ފައިސަލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ ފައިސަލް ވިދާޅުވީ ޑެންގީހުން ޖެހޭ ކުދިން ވަރަށް ގިނަ ކަމަށާއި ހޮސްޕިޓަލުގައި ބާއްވައިގެން ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުން ދާއިރު، ބަލި ކުޑަކޮށް ހުއްޓަސް ނާންނަ ކުދިންގެ އަދަދު ވެސް އިތުރުވާނެކަމަށެވެ. އަދި މިދުވަސްކޮޅު ހުމާއި ރޯގާ އިތުރު ކަމަށްވެސް ޑރ ފައިސަލް ވަނީ ވިދާޅުވެފައެވެ.
"ޑެންގީހުން ވަރަށް ގިނަ، ބާއްވައިގެން މިހާ އަދަދެއްގެ ކުދިންނަށް ފަރުވާދެމުންދާއިރު، ބަލި ކުޑަކޮށް ހުއްޓަސް ނާންނަ ކުދިންގެ އަދަދު ވެސް އިތުރުވާނެ. ހުމާއި ރޯގާ މިދުވަސްކޮޅު އިތުރު," ޑރ. ފައިސަލް ވިދާޅުވިއެވެ.
ފާއިތުވި މޭމަހު އެކަނިވެސް 610 މީހަކު ރިޕޯޓު ކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. މިއީ އެޕްރިލްމަހާ އަޅާބަލާއިރު ޑެންގީ ހުމަށް ޕޮޒިޓިވް ވީމީހުންގެ އަދަދު އިތުރު އަދަދެކެވެ. އޭޕްރީލް މަހު ޑެންގީ ހުން ޖެހިފައިވަނީ 247 މީހަކަށެެވެ.
ޑެންގީއަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.
އާންމުކޮށް މިމަދިރި އިންސާނާގެ ގައިން ލޭ ބޯން ޖައްސަނީ ހެނދުނުގެ އިރު އަރާތާ ދެތިން ގަޑިއިރު ތެރޭގައި އަދި އިރުއޮއްސުމުގެ ކުރީ ދެތިންގަޑިއިރު ތެރޭގައި ކަމަށް ދިރާސާތަކުން ދައްކައެވެ އެއީ ދުނިޔެމަތި ހޫނުނުވެ ފިނިކޮށް އޮންނަ ވަގުތުތައް ކަމަށްވެއެވެ. މިއީ ތަކުރާރުކޮށް ޖެހޭ ބައްޔެކެވެ. މިދުވަސްވަރަކީ ޑެންގީ ފެތުރޭ ދުވަސްކޮޅަކަށްވުމުން ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގޭގޭގެ ދޮރުތައް ލައްޕައި މަދިރިން ރައްކާތެރިވެ ތިބުން މުހިންމެވެ. އެހެނީ ބަލި ޖެހުމުން ފަރުވާ ހޯދުމަށް ވުރެ ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުން ބުއްދިވެރިކަމަށްވާތީއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.