ޕޯސްޓު މެދުވެރިކޮށް ކެނަބިސް އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލާގައި ހައްޔަރުކުރި 30 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ދީފައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ޕޯސްޓު މެދުވެރިކޮށް ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ވެގެން ހިންގި އޮޕަރޭޝަނެއްގައި ފޮށިގަނޑު ބަލާ އައި ފަރާތުގެ ހާޒިރުގައި، ކަނޑައި ބެލިއިރު ކެނަބިސް ކަމަށް ޝައްކު ކުރެވޭ 1006 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެ އަމުރުގައި ވާގޮތުން ހައްޔަރުކުރި މީހާގެ ސައިކަލު މަޑިދަށުން މަސްތުވާއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއްވެސް ފެނިފައިވެ އެވެ.

އެމީހާގެ ކުޑަކަމުދާތަކެތި ޓެޓްރާ ހައިޑްރާ ކެނަބިނޮއިޑް، ނުވަތަ ޓީއެޗްސީއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކޯޓުއަމުރުގައި ވެެއެވެ.