ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، އެ އޮފީހުން މިއަދު ހުޅުވާލައިފައިވާ ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސް އޮފީހުން ކަމަށެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އެޗްއާރުސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން މަގާމުގައި އެންމެ ދުވަސްވީ މެންބަރަކީ ސަމާއު އަހުމަދު ނަޖީބެވެ. އޭނާ މަގާމަށް އައްޔަންކޮށްފައިވަނީ އޮކްޓޫބަރު 3، 2021ގައެވެ.