މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫއާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މީރުމާގައި ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ އެކި ދާއިރާތަކުގެ މަންދޫބުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ، ބަނދަރު ބަދަލުކުރުމުގެ މަސައްކަތަކީ ގިނަ ފަރާތްތަކެއްގެ ބައިވެރިވުން ބޭނުންވާ ކަމެއް ކަމަށާއި، މިކަމުގައި ސްޓޭކްހޯލްޑަރުންގެ ލަފަޔާއި އިރުޝާދު ހޯދުމަކީ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
ޝަފީޤު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ކަމާބެހޭ އިދާރާތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އޮޅުންފިލުވައި، ވިޔަފާރިވެރިންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ބަނދަރު ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ. "މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގައި މި ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ބޭނުންވާ މުހިންމު މައުލޫމާތުތައް ހޯދައި އެއާއި އެއްކޮށް ތިލަފުށި ރިލޮކޭޓްކުރުމުގެ މަސައްކަތް ފެށުން،" ސީއީއޯ ވިދާޅުވިއެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް މަޝްރޫއެވެ. މި ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެންބަރު 11 ގައި ރަސްމީކޮށް ހުޅުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި މަޝްރޫއު ނިމި ބަނދަރުގެ ހިދުމަތް ތިލަފުއްޓަށް ބަދަލުވުމުން، މިހާރު މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އެނޫންވެސް ހުރަސްތަކަށް ދާއިމީ ހައްލެއް ލިބި، ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން އުންމީދު ކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.