ވިލިމާލޭގައި އަލަށް ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ. ޖަޕާނު ސަރުކާރުގެ އެހީގައި ތަރައްގީކުރި މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 23 ޖޫން 2022 ގައެވެ. ނަމަވެސް، މަސައްކަތް ލަސްވުމާ ގުޅިގެން ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި މަސައްކަތް އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

އަލަށް ހުޅުވި އެމްއާރުސީސީގެ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ބޭނުންވާ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް މި އިމާރާތުގައި ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ޔޫއެންއޯޑީސީން ޚާއްސަ ދައުރެއް އަދާކޮށްފައިވާއިރު، ބޭނުންވާ އާލާތްތައް ހޯދުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، މިދިޔަ 10 އަހަރުގެ ތެރޭގައި ޖުމްލަ 3،713 ހާދިސާއެއް އެމްއާރްސީސީއަށް ވަނީ ރިޕޯޓްކޮށްފައެވެ. މި ހާދިސާތަކުގައި 8،359 ރައްޔިތުންގެ ފުރާނައާއި، އުޅަނދުފަހަރާއި މުދާ ސަލާމަތްކުރުމަށް އެމްއާރުސީސީއާއި އޭރިއާ ކޮމާންޑުތައް ގުޅިގެން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ.

ރާއްޖޭގައި އެމްއާރުސީސީގެ ޚިދުމަތް އެންމެ ފުރަތަމަ ފެށުނީ 2006 ވަނަ އަހަރު "ޖީއެމްޑީއެސްއެސް" ގެ ނަމުގައެވެ. ނަމަވެސް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރުމަށްޓަކައި 27 ޖުލައި 2012 ގައި މަރުކަޒުގެ ނަން ވަނީ "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު" އަށް ބަދަލުކޮށްފައެވެ. މި އައު އިމާރާތާއެކު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސިފައިން ވިދާޅުވެއެވެ.