ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ޖަލަށް ވައްދާ ކަމަށް ތުހުމަތުކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖުމްލަ 13 މުވައްޒަފަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން 5 ދުވަހަށް އަދި އަނެއް 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެެވެ.
އޭގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މާފުށިން ކަަމަށް ފުލުހުން ވިދާޅުވިއިރު، ކާށިދޫން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އުތީމުންނާއި މާލެ އިން ވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.
ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކަމަށެވެ.
އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން އެކަމުގައި ހިމެނޭކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.
"ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ މި 18 މުވައްޒަފުންގެ އެކައުންޓުން ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ޖަމާވެފަ ހުރިކަން ފާހަގަ ކުރެވިފައިވޭ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ފުލުހުން ހިންގި ތަހުޤީގުން ފާހަގަކުރެވިފައިވާ 18 އޮފިސަރުންގެ ތެރެއިން 6 ފަރާތެއް މި އަހަރު ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންނާއި މެދު ވެސް އަޅަން ޖެހޭ ފިޔަވަޅު އަޅައި، މައްސަލަ ބަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.