ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ޤުރުއާން ހިފްޒު ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން މަހަކު ތިން ފޮތަށް ވުރެ ގިނައިން ހިތުދަސް ކުރާ ދަރިވަރުންނަަށް ފައިސާ ދޭން، އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އިފްތިތާހީ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ޤުރުއާން ހިތު ދަސްކުރުމަކީ ބުރަ އަދި މާތް މަސައްކަތެއް ކަމަށާއި އެހެންކަމުން މަހަކު ތިން ފޮތަށްވުރެއް ގިނައިން ހިތުދަސް ކުރާ ކުދިންނަށް ޕޮކެޓް މަނީގެ ގޮތުގައި ފައިސާ ދޭން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މިކަން ކުރުމުގެ މައިގަނޑު ބޭނުމަކީ މި މާތް މަސައްކަތަށް ހިތްވަރު ދިނުން ކަމަށް ވިދާޅުވި އެވެ. އަދި މިކަން ކުރަން ފަށަނީ އަންނަ އަހަރުން ފެށިގެން ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވި އެވެ. ހަމައެހެންމެ ކީރިތި ގުރުއާން ހިފްޒު ކުރުމުގެ މަސައްކަތް ކުރިއަށްވުރެއް ވަރުގަދަކޮށް ކުރިއަށް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް ވެސް ރޭ ވަޒީރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ގުރުއާނާއި ބެހޭ މަރުކަޒު ހިންގަން ވަކިން އިމާރާތެއް ބިނާކުރަން ނިންމާފައިވާކަންވެސް ރޭ އިއުލާން ކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ މި ވެރިކަމުގެ ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާއި ބެހޭ ހާއްސަ ބިނާއެއް ދިވެހިރާއްޖޭގައި ގާއިމް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން."
ވަޒީރު ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު މިހާރު ހިންގަމުން އަންނަނީ ސަލްމާން މިސްކިތުގައި ކަމަށާއި އާ އިމާރާތެއް ބިނާކުރުމުގެ މަޝްވަރާތައް ރައީސް އާ ކުރައްވާނެ ކަމަށެވެ. ގައުމީ ގުރުއާން މުބާރާތަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.