1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލީހާއި ކައުންސިލް މެންބަރުންގެ އަދަދު މަދުކުރަނީ

395629_3_7641eede320be3e1a7e1e4e7732ebc5f1e587b58_large
ޕީއެންސީ ޖަގަހަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އަހުމަދު ލަޔާން
337ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދައުލަތުގެ ކަރަދު ކުޑަކުރެއްވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކާއި، އެކި ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމުގެ ކަންކަން ނިންމަން ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ ޢަދަދެއްގެ މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމަށެވެ. އެހެންވެ، ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށާއި، ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑެތި އާބާދީ ރަށްތަކާއި ސިޓީތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު އަތޮޅު ކައުންސިލްތައް ހޮވަނީ މާނައޮތް ގޮތެއްގައި ނޫން ކަމަށް ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ކައުންސިލް އުފައްދާގޮތް ބަދަލުކޮށް އެއީވެސް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ސައިޒު ކުޑަ، އަދި ނަތީޖާ ނެރެވޭނެވަރުގެ ކައުންސިލަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

300 × 250

ރާއްޖޭގެ އާބާދީ އިތުރުވާ ވަރަކަށް މަޖިލިސް މެންބަރުންގެ އަދަދުވެސް އިތުރުވަމުންދާނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ރަނގަޅުގޮތަކީ 17 ވަނަ މަޖިލީހާއެއްގޮތަށް 77 މެންބަރުންނަށް އަދަދު ދަށްކުރުން ކަމަށެވެ. އޭގެ ސަބަބުން މަޖިލީހަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިކަހަލަ އިސްލާހުތަކެއް ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެނައީމަ އެސަލާމަތް ކުރެވެނީ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. އެ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއް ކުރެވޭނެ. އެތައް ކަމެއްގައި ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރެވޭނެ ސަރުކާރަށް،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކައުންސިލާއި މަޖިލީހުގެ އިތުރުން ކޮމިޝަންތަކުގައިވެސް އާދަޔާ ޚިލާފަށް ބޮޑެތި އަދަދުތަކުން މެންބަރުން ހަމަޖައްސާފައި ހުންނަ ކަމަށާއި، އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ގިނަ މެންބަރުންތަކެއް މުހިންމު ނޫން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ކޮމިޝަންތަކުގެ މެންބަރުންގެ ޢަދަދުވެސް ކުޑަކުރުމަށް ޤާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެއް ބާވަތެއްގެ މަސައްކަތްތައްކުރާ ކޮމިޝަންތައް އެއްކުރުމަށްފަހު އެ ކޮމިޝަންތަކުގެ މަސައްކަތްތައް ރައްޔިތުންނަށް ފައިދާވާގޮތަށް ބަދަލުކޮށް، ނަތީޖާ ނެރެވޭނެ ގާބިލުކަން އިތުރުކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފައިދާވާގޮތެއްގައި ނިޒާމު ބައްޓަން ވެގެންދާނެކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި