މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިފާފައިވާ ތިން ރަށެއްގެ ހެޑްލީސް ރައިޓްސް ނުވަތަ ކުލީގެ ހައްގުތައް ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ. އެމްޓީޑީސީން މިކަން ސާފުކޮށްދީފައި މިވަނީ ހދ. ނާގޯށި، ގދ. މަގުދޫވާ އަދި ބ. ކިހަވައް ހުރަވަޅީގެ ހެޑްލީސް ރައިޓްސް ބާޒާރުގެ އަގަށްވުރެ ހެޔޮކޮށް ވިއްކާލަން އުޅޭކަމަށް ބައެއް މީޑިއާތަކުގައި ހަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމްޓީޑީސީގެ މިލްކިއްޔާތުގައި ހުރި އެއްވެސް އެސެޓެއް ނުވަތަ ރަށެއްގެ ހެޑްލީސް ރައިޓްސް ވިއްކާލުމަށް ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމަކާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.

އެ ކުންފުނީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ނާގޯއްޓާއި، މަގުދޫވާ އަދި ކިހަވައް ހުރަވަޅިއަކީ ދިވެހި ސަރުކާރާއެކު ވެފައިވާ ސައްހަ އެއްބަސްވުންތަކެއްގެ ދަށުން އެމްޓީޑީސީއަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށެވެ. އަދި އެ ރަށްތަކުގެ ގާނޫނީ ހުރިހާ ހައްގުތަކެއް އޮތީ އެމްޓީޑީސީގެ އަތުގައި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީޑިއާތަކުގައި ފެތުރެމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއްކަން ފާހަގަކޮށް، އެމްޓީޑީސީން ބުނީ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ކުންފުނި ހިންގުމުގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ހައިސިއްޔަތުން، ކުންފުންޏާ ގުޅުންހުރި މުހިންމު ކަންކަން ގަވާއިދުން ހާމަކުރަމުންދާނެ ކަމުގެ ޔަގީންކަން ދެމުން، އެމްޓީޑީސީން ވަނީ ކުންފުނީގެ ހިއްސާދާރުންނާއި އާންމު ރައްޔިތުން، ކުންފުންޏާ ގުޅޭ ރަސްމީ މައުލޫމާތު ހޯދުމުގައި އެމްޓީޑީސީގެ ރަސްމީ އިޢުލާންތަކަށް އެކަނި ބަރޯސާވުމަށް އިލްތިމާސްކޮށްފައެވެ.