އިންޓާނަލް ޑިމޮކްރެސީ އެންމެ ފުރިހަމަ ފެންނާނެ ކޮންގްރެސްއަކަށް ޕީއެންސީ ކޮންގްރެސް ވެގެންދާނެ ކަމަށް ޕީއެންއެސީގެ ރައީސް، ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ފަދައިން ވިދާޅުވީ، ޕީއެސްއެމްގެ ނޭޝަނަލް ޗެޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާލުވީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އެންމެ ފުރިހަމައަށް އެތެރޭގެ ޑިމޮކްރަސީ (އިންޓާނަލް ޑިމޮކްރަސީ) ދައްކުވައިދޭނެ ކޮންގްރެސްއަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ހުރިހާ ގުނަވަންތަކެއް ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން އިންތިޚާބުކޮށް، ޑިމޮކްރެޓިކް އުޞޫލުތަކުގެ ތެރެއިން މިހާރު ވާނީ މަގާމުތަކަށް މީހުން ހޮވާފައި ކަމަށެވެ.
އެއާއެކު ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބު ބާއްވާ އެ ޕާޓީގެ ކޮންގްރެސް (ނުވަތަ އަސާސީ ގަވާއިދުގައިވާ ގޮތުން މަތީ މަޖިލިސް) ގައި ޕާޓީގެ މުހިންމު މަގާމުތަކަށް މީހުން އިންތިޚާބު ކުރެވޭއިރު ޕާޓީގެ ނައިބު ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސް އަދި ސެނެޓް (މެންބަރުންގެ މަޖިލިސް) އަށް ވަކި އަދަދެއްގެ މެންބަރުން އިންތިޚާބު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެެވެ.
ޕާޓީގެ ސްޓްރަކްޗާ ހަގީގީ މާނައިގައި ކަނޑައެޅެނީ ކޮންގްރެސްގައި ކަމަށްވުމުން، ޕާޓީގެ އިންޓާނަލް ޑިމޮކްރަސީ ވަރުގަދަކޮށް، ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފައްކާވެފައިވާ، ޒުވާނުންނާއި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮތް ޕާޓީއެއްގެ ގޮތުގައި ބައްޓަންކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީގެ ނިޒާމުގެ ތެރެއިން ކޮންމެ ޕާޓީއަކުންވެސް އަމަލުކުރަންޖެހޭނެ އެންމެ ރަނގަޅު މިސާލު ޕީއެންސީން ދައްކަން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ފުރިހަމައަށް ފެނިގެންދާނެ، ވަރަށް ކާމިޔާބު ކޮންގްރެސްއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސް އިންތިޚާބުގައި ހޮވާ މަގާމުތަކުގެ ތެރެއިން އަދި އެންމެ ވާދަވެރިކޮށް ފެންނަނީ ޕާޓީގެ ނަިއބު ރައީސްގެ މަގާމެވެ. އެގޮތުން އެ މަގާމަށް މިހާތަނަށް ވަނީ ޖުމްލަ ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެތެރޭގައި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ޕީއެންސީގެ ނާއިބް ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ރައީސްގެ ކޮއްކޯފުޅު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހިމެނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.