ޤައުމެއްގެ ކުރިއެރުމާއި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް ހުސައިން ލަތީފް މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާ އެކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާޙްކުރުމުގެ ގޮތުން ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބުރައީސް ހުސައިން ލަތީފްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް
ރައީސް ޑރ މުޢިއްޒު، މަޤާމުގެ ހުވައިކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަޤްރީރުގައި، މިދިޔަ އަހަރުގެ ނޮވެންބަރުމަހު 17 ވަނަ ދުވަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ފާހަގަކުރައްވައި މިއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ނައިބުރައީސް ހުސައިން ލަތީފް ވިދާޅުވިއެވެ.
ނައިބުރައީސް ހުސައިން ލަތީފް ވަނީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކަށް ތަޙްޤީޤްކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އިސްކަންދެއްވާ ފަދައިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށާ އަދި ޚާއްސަކޮށް ސްކޫލުކުދިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގެވުމަށް އިސްކަންދެއްވުމަށް ވެސް އެކޮމިޝަނުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މިހަފުލާގައި ނައިބުރައީސް ހުސައިން ލަތީފް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" އިފުތިތާޙް ކޮށްދެއްވާފައެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޚިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެކޮމިޝަނުގެ ފަރާތުން ދެއްވި "ސަރވިސް އެވޯޑް" އެ ދެބޭފުޅުންނާ ހަވާލުކޮށްދެއްވީ ވެސް ނައިބުރައީސް ހުސައިން ލަތީފެވެ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.