މާލެ ސިޓީގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކުރި މައްސަލާގައި ތިން މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލާގައި ބަންދު ކޮށްފައި ވަނީ ތިމަރަފުއްޓަށް ނިސްބަތްވާ 21 އަހަރުގެ މީހަކާއި، ރ. ކަނދޮޅުދޫއަށް ނިސްބަތްވާ 23 އަހަރުގެ މީހަކާއި، ގދ. ގައްދޫއަށް ނިސްބަތްވާ 18 އަހަރުގެ މީހެކެވެ.
ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތުގައި. އެ ތިން މީހުން ބަންދުގައި ބަހައްޓަންޖެހެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ހައްޔަރުކުރި ތިން މީހުންނަކީ ވެސް އަނިޔާ ލިބުނު މީހާއާ އެއް ތަނެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް މި މީހުން ކޯޓުގައި ބުނެފައި ވެއެވެ. އަދި އޭނާ ރަހީނުކޮށްފައި ނުވާނެ ކަމަށާއި، އިނގިލި ބުރި ނުކުރާ ކަމަށާއި، ޕަވަރޓޫޅް ބޭނުން ކުރަނިކޮށް އަނިޔާ ލިބުނީ ކަަމަށް ބުނެ ތުހުމަތުތަކަށް އެމީހުން އިންކާރު ކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، މި ތިން މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގީ ބަޔާންތަކާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓާއި އަދި އެ ނޫން ވެސް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.