ބޭރުގެ ޑިޕްލޮމެޓެއްގެ ސައިކަލް ވަގަށް ނެގި މީހަކަށް 10 މަހުގެ ޖަލު ހުކުމެއް ކޮށްފި އެވެ،ޑިޕްލޮމެޓެއްގެ ސައިކަލު ވަގަށް ނެގި މައްސަލައެއްގައި ކުށް ސާބިތުވެގެން ދިހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައި މިވަނީ ރ. ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާން އަށެވެ. އޭނާއަށް ޖަލު ހުކުމެއް ކޮށްފައި ވަނީ ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ އޮނަރަރީ ކޮންސުލް ޑރ. ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ވަގަށް ނެގިކަމުގެ މައްސަލަ ސާބިތު ވުމުންނެވެ.
މިމައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ވައްކަން ކުރުމުގެ 2 ދައުވާ އެކެވެ. އެއީ އެ ސައިކަލު ވަގަށް ނެގުމުގެ އިތުރުން، ސައިކަލުގެ މަޑިދަށުގައި އޮތް އައިނެއް ވަގަށް ނެގި މައްސަލައިގައި ކޮށްފައިވާ ދެ ދައުވާއެވެ.
މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. އަދި އޭނާ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއި އެކީ އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދާފައެވެ. އެހެން ކަމުން އޭނާ ވަނީ އެ އެއްބަސްވުމާއި އެއްގޮތަށް އަދަބު ކަނޑައަޅައިދިނުމަށް އެދިފައެވެ.
އޭނާ ދައުވާތަކަށް އިއުތިރާފުވެފައިވާތީ މައްސަލަ ބެއްލެވި ގާޟީ، އާމިނަތު އަޒްލިފާ ވަނީ ބަންދުގައި އޭނާ ހޭދަ ކޮށްފައިވާ މުއްދަތު އުނިކުރުމަށްފަހު 10 މަހާ 8 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.