1. ލ. ގަމު ލިންކް ރޯޑގައި ކާރެއްގައި ރޯވެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މީގެ ގަޑިއިރެއްހާއިރު ކުރިން ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ ފޮނަދޫ ކޮޅުން ގަމާ ވީކޮޅަށް ދަތުރު ކުރަމުން ދިޔަ އެ ކާރުގައި ރޯވީ ކުރުހިންނެއާއި ހިސާބުންނެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ދުވަހަށް މައުލޫމާތުދެމުން ބުނީ އެ ކާރުގެ ފަހަތުން ދިޔަ ކާރަކަށް އެ ކާރުން ޕެޓްރޯލު ފައިބާ މަންޒަރު ފެނުނީ ކަމަށެވެ. އަދި އެކަން އެ ކާރުގެ ސަމާލުކަމަށް ގެނައުމުން އެ ކާރުގައި ތިބި ދެމީހުން (އަންހެނަކާއި ފިރިހެނަކު) ކާރުން ފޭބި ވަގުތު އަލިފާން ރޯވީ ކަމަށެވެ.

ކައްދޫގައި ގާއިމްވެތިބޭ އެމއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދަށްގޮސް މިހާރު ވަނީ ކާރުގައި ރޯވި އަލިފާން ނިވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެވެ. އަލިފާން ކޮންޓްރޯލްކޮށްފައިވާއިރު ދުވަހަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު، އެ ކާރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ފެނެއެވެ. މިކަމުގައި ކަމާބެހޭ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.