ރާއްޖެ އާއި އެމެރިކާ ޓްރޭޑް އެއްބަސްވުމާއި ގުޅޭ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިހާރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އެ ބައްދަލުވުމުގައި ވަނީ ރާއްޖެ އާއި އެމެރިކާ ޓްރޭޑް އެއްބަސްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޗެއާ ބެލެހެއްޓެވީ މިނިސްޓަރު ސައީދު އަދި ދެކުނު އަދި މެދު އޭޝިއާއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓޭޓިވް ބްރެންޑަން ލިންޗް އެވެ.
އެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ފިކުރީ މުދާ ހިމާޔަތްކޮށް އިންވެސްޓްމަންޓް މާހައުލު ހަރުދަނާ ކުރުމަށް ރެގިއުލޭޓަރީ ޓްރާންސްޕޭރެންސީގެ ސިޔާސަތު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި ފަންނުވެރިންނާއި ވިޔަފާރިވެރިންނަށް ދުނިޔޭގެ ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމްގެ އެއްބާރުލުން ދޭކަން ފާހަގަކޮށްފައި ވެއެވެ. ހާއްސަކޮށް ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި މާލީ، މެރިޓައިމް، ރިއަލް އެސްޓޭޓް އަދި ޓޫރިޒަމް ދާއިރާއިން ރާއްޖޭގައި ކުރެވޭނެ އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.
މަސައްކަތްތެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމުގައި އެއްބާރުލުން އިތުރުކޮށް، ބައިލެޓަރަލް ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ ފައިދާ އެމެރިކާއާއި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ކުރާނެ ކަން ފާހަގަކޮށްފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.