އަމިއްލައަށް ގޮސްގެން ނޫނީ ބޭރުން މި އަންނަ ވެސެލްސްތައް މޮނީޓާ ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން، އެކަމަށްޓަކައި ރާއްޖެއަށް ޑްރޯން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ރާއްޖެ އަންނަ އުޅަނދުތައް މޮނިޓާ ކުރެވޭ ވަރަށް ކަސްޓަމްސްގައި ވަސީލަތްތައް ގާއިމުވެފައި ނެތް ކަމަށެވެ.
ކަސްޓަމަށް ވަސީލަތްތައް އިތުރުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ޖަޕާން ސަރުކާރުގެ އެހީގައި 85 ފޫޓުގެ އުޅަނދެއް ލިބޭނެކަން ހާމަކުރައްވައި މާނިއު ވިދާޅުވީ ޗައިނާ ސަރުކާރާ އެކު ކުރެވެމުން އަންނަ މަޝްވަރާތަކުގެ ތެރެއިން އަންނަ އަހަރު ދެ އުޅަނދު ލިބޭނެ ކަމަށެވެ. ހަމަައެހެންމެ އެމެރިކާއިން ވެސް އުޅަނދެއް ގެންނާނެ ކަމަށްވެސް މާނިއު ވިދާޅުވިއެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި
އެ އުޅަނދުތަކުގެ އިތުރުން އެމެރިކާއިންނާއި ޗައިނާއިން ޑްރޯން ގެންނަން މަސައްކަތް ކުރަމުން އަންނަކަން މާނިއު ފާހަގަކުރެއްވި ނަމަވެސް އެ ގައުމުތަކުން ހަދިޔާ ކުރާ ޑްރޯންތަކެއް ނުވަތަ ގަންނަ ޑްރޯންތައް ކަމެއް ވިދާޅެއް ނުވެ އެވެ.
މާނިއު ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުން އަންނަ އުޅަނދުތަކަށް ފިޒިކަލީ ގޮސްގެން ނޫނީ މޮނީޓާ ކުރެވޭނެ އެއްވެސް ގޮތެއް މިހާރު ކަސްޓަމަށް ނޯންނަ ކަމުގަ އެވެ.
""މިހާރު ބޭރުން މި އަންނަ ވެސެލްސްތައް މޮނީޓާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަޅުގަނޑުމެންނަށް ފިޒިކަލީ ގޮސްގެން ނޫނިއްޔާ. އެކަމަށްޓަކައި އުޅަނދުތަކާއި ގިނަ ސްޓާފުން ބޭނުންވާނެ، އެހެންނަމަވެސް އެ ފުރުސަތެއް އަދި ނެތް، ދެން މިވާ ގޮތަކީ ހަމަ ދައުލަތުގެ ހަރަދު ބޮޑުވާނީ. އޭގެ ބަދަލުގައި ޑްރޯނެއް ފޮނުވާފައި މޮނީޓާ ކުރެވޭނެ ގޮތް ވެއްޖިއްޔާ، ތްރެޓެއް އެއްޗެއް އުޅެންޏާ ވެސެލްއެއް ފޮނުވާ ކަހަލަ ގޮތަކަށް މި ހަމަޖައްސަނީ،" މާނިއު ވިދާޅުވި އެވެ.
މާނިއު ވިދާޅުވީ ރާއްޖޭގެ ބޯޑަރަށް އެތެރެވާ އުޅަނދުތައް މޮނީޓާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. ޑްރޯންތައް ގެނައި ނަމަވެސް އެތަކެތި އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ތެރޭގައި އޮންނަ އެއާކޯ އާ ގުޅިގެން ކަަމަށް ވެސް މާނިއު ވަނީ ވިދާޅުވެފައެވެ؛
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.