އެ ވުޒާރާގެ ވިސްނުމަކީ، އެކި ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ފަށާފައި، ނުހުއްޓޭނެ ގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވިސްނުން ކަމަށް އެ ވުޒާރާގެ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ރާފިޢު އާ ސުވާލު ކުރުމަށް މަޖިލީހަށް ވަނީ ހާޒިރުކޮށްފައެވެ. އަދި ގިނަ ރަށްތަކެއްގެ ފުޓްބޯޅަދަނޑުގެ މަސައްކަތް ބަޖެޓް ކުރެވިފައިވާއިރު ޓެންޑަރ ނުކުރެވި، ނޫނީ މަސައްކަތް ފަށާގައި ހުރި ދަނޑުތަކުގެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ.
ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ، ޕްރޮޖެކްޓް ތަކަށް ބަޖެޓް ހަމަޖެހިފައި އޮތް ގޮތުން، އަހަރުގެ ކުރީކޮޅު އެ ޕްރޮޖެކްޓްގެ މަސައްކަތް ފެށިއްޖެ ނަމަ، ވަކި ހިސާބަކުން ބަޖެޓްގެ ތާށިކަން އައުމުގެ ސަބަބުން މަސައްކަތް ހުއްޓިގެންދާނެ ކަމަށެވެ. އެހެން ވެއްޖެނަމަ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ކަމަށެވެ.
އަހަރުގެ ކުރީކޮޅު ބަޔަކާއި މަސައްކަތް ހަވާލުކޮށްފި ނަމަ، (ޕްރޮޖެކްޓުގެ) ދެވަނަ ޕޭމަންޓް އަންނައިރު އޮންނާނީ މަސައްކަތް ހުއްޓިފައިކަމަށެވެ.. އެހެންވީމާ، ވާގޮތަކީ، ކުރީގައި ބޭނުންކުރާ ދަނޑު ބޭނުން ނުކުރެވި އޮތީމާ ރައްޔިތުންނަށް ވަރަށް ބޮޑު ނުތަނަވަސް ކަމަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެބެ.
"ކުޅެ ކުޅެ ތިބި ދަނޑެއްގައި މަސައްކަތް ކުރާތީ ނުކުޅެވި ރައްޔިތުން ތިބެންޖެހެނީ. ދެން މި މަސައްކަތް ނުފެށިނަމައޭ ރައްޔިތުން ބުނާ ހިސާބުގައި ކަން އޮންނަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން މިހުރީ މަސައްކަތް ފަށާފައި މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ވޭތޯ. ޕްރޮޖެކްޓްގެ ޑިޔުރޭޝަން ކުޑަކޮށްގެން. އަހަރުގެ ކުރީކޮޅުގައި އަޅުގަނޑުމެން އިއުލާން ކުރީ ކަމުގައި ވަނީނަމަ، ވަކި ހިސާބަކުން ޖެހޭނީ ހުއްޓާލާފައި ބާއްވަން އަންނަ އަހަރު ބަޖެޓަށް ލައިގެން މަސައްކަތް ކުރިއަށް ގެންދަން." ވަޒީރު އަބްދުالله ރާފިޢު ވިދާޅުވިއެވެ.'
ކަންމިހެން ހުރުމުން، ދަނޑުތައް ފަދަ ޕްރޮޖެކްޓްގެ މަސައްކަތް، އަހަރުގެ ފަހުކޮޅުގައި އިއުލާން ކޮށްގެން މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށާ، އެގޮތަށް ކަން ކުރުމުން، އަހަރު ނިމޭއިރު ބަޖެޓް ހުސްވި ނަމަވެސް، އަނެއް އަހަރު ފެށިގެންދާއިރު ޕްރޮޖެކްޓަށް ބަޖެޓް ހަމަޖެހި، މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާއިން މި ފަދައިން ޕްރޮޖެކްޓްތައް ގެންދިޔުމަށް ނިންމާފައިވަނީ، ސަރުކާރު އައުމަށްފަހު، ވުޒާރާގެ ކަންކަން ކުރިން ކުރިއަށް ގޮސްފައިވާ ގޮތަށް ބަލައި، އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ފަހުގައި ކަމަށްވެއް ވަޒީރު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.