ކާނާ ވިހަވަގެން އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޕޮލިސް ކޮލެޖުގެ ދެ ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ކާނާ ވިހަވެގެން ފަރުވާދޭން ފެށި އެހެން ހުރިހާ ކުދިން މިހާރު ދޫކޮށްލާފައިވާކަމަށެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ނުވަތަ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ރޭ ކާނާ ވިހަވެގެން ފަރުވާދޭން ފެށިއެވެ. އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ދިޔައީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އައިސީޔޫގައި މިވަގުތު ތިބި ދެ ދަރިވަރުން ފިޔަވައި އެހެން ދަރިވަރުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ރޭ ބުނީ ޕޮލިސް ކޮލެޖްގައި ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމަށެވެ. އަދި މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން ދާކަމަށް ވެސް ފުލުހުން ބުނެ އެވެ.