ހުއްދަ ނެތި އޮންލައިން ކޯސްތަކެއް ހިންގާ ކަމުގެ ޝަކުވާތަކެއް ލިބެމުން ދާ ކަމަށާއި އެފަދަ ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ބުނެފިއެވެ
އެމްކިޔުއޭ އިން މިހެން ބުނެފައިވަނީ އެ އޮތޯރިޓީން ގެޒެޓު ކުރި ބަޔާނެއްގައެވެ. މި ބަޔާނުގައި މި ބަޔާނުގައި ބުނެފައިވަނީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އީ-ލާރނިންގ ހުއްދަ ނުހޯދާ ޕްރޮގްރާމްތައް އިސްތިހާރުކޮށް ހިންގާ ކަމުގެ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒުތަކަކަށް އީ-ލާނިން ޑެލިވަރީ މޮޑިއުލް ގައި ޕްރަގްރާމްތައް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށްފައިވާ ކަމަށެވެ.
އަދި އެ އޮތޯރިޓީ އިން 16 މެއި 2022 ގައި "ޕްރަގްރާމް އެކްރެޑިޓޭޝަން ގަވާއިދު" އަދި "ގައިޑްލައިންސް ފޯ އީ-ލާނިން" ގެޒެޓްކޮށް ޝާއިއު ކުރުމާއި ގުޅިގެން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒަކުން އެ ގަވާއިދާ އެއްގޮތަށް ޕްރޮގްރާމްތައް ހުށައަޅާ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން، އެ މަރުކަޒަކުން ހިންގާ ޕްރޮގްރާމަކީ އެމް.ކިއު.އޭ އިން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން އަދި އެ ޕްރޮގްރާމެއްގެ 'ޑެލިވަރީ މޮޑަލިޓީ' މި އޮތޯރިޓީގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރަޖިސްޓްރީއިން ކަށަވަރު ކުރުމަށްފަހުގައި ކިޔެވުން ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށާއި އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ޙާސިލްކުރާ ސަނަދެއް އެ އޮތޯރިޓީން ޤަބޫލު ނުކުރުމުގެ އިތުރުން އެކަމުގެ ޒިންމާ ވެސް އެ އޮތޯރިޓީން ނުނަގާނެ ކަމަށެވެ.
އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޙިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމަށް ވާނަމަ 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު' ގެ 30 ވަނަ ބާބުގެ (ހ) ގެ ދަށުން އެ މަރުކަޒަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެމްކިޔުއޭ އިން އެކްރެޑިޓްކޮށްފައިވާ އަދި ކުރިން ހުއްދަ ދެވިފައިވާ ޕްރޮގްރާމްތަކުގެ އިތުރުން ކޮލިފިކޭޝަން ރަޖިސްޓްރީ ލިންކު ވެސް ގެޒެޓު ކޮށްފައިވެއެވެ.
ޚިޔާލު (1)
އެ ތަންތަނުގެ ނަންތައްވެސް ހާމަކުރަން ފެނޭ އހ