އިމިގްރޭޝަނުން ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ރެއިޑް ކޮށް 11 މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަން އިން އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. މި ޕޯސްޓުގައި ވަނީ ބިދޭސީ ބަޔަކު ހުޅުމާލޭ ގަރާޖެއްގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކާއި ގުޅިގެން “އިމިގްރޭޝަން ވޮޗް” އަށް ލިބިފައިވާ މަޢުލޫމާތާއެކު މިއަދު ވަނީ އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އިމިގްރޭޝަނުން ހާޒިރުވިއިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުން. ކަމަށާއި ނަމަވެސް ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހަކާއި ގަރާޖުން 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ވާ ކަމަށް ވެސް އިމިގްރޭޝަން ގެ ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން މިތަނާއި ގުޅޭގޮތުން ދާދި ފަހުން ސޯޝަލް މީޑިއާގައި އާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

އިމިގްރޭޝަން ވޮޗް އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރިޕޯޓު ކުރުމަށް ތައާރަފްކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓް ފޯމަކީ 24 ގަޑިއިރު ބޭނުން ކުރެވޭ ހިދުމަތެއް ގެ އިތުރުން މި ޕްލެޓް ފޯމް މެދުވެރިކޮށް ބިދޭސީންގެ މައްސަލަ ރިޕޯޓު ކުރާ ފަރާތުގެ މައުލޫމާތު ސިއްރުވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ