ބަންގްލަދޭޝްގެ ހާލަތު ގޯސް ކަމަށާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެކަމަށް ދިވެހި ހާރިޖީ ވުޒާރާއިން ހާމަކޮށްފި އެވެ. ވެރިރަށް ޑާކާގައި ކުރަމުންދާ މުޒާހަރާތަކުގައި 19 ދަރިވަރަކު މަރުވެފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ހަމަނުޖެހުންތަކުގައި ސަރުކާރުގެ އިމާރާތްތަކުގައި ވަނީ ހުޅުވެސް ޖަހާފަ އެވެ. މިއީ ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކެކެވެ. ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް އިލްތިމާސްކޮށް ބަޔާނެެއް ނެރެފަ އެވެ. ބަންގްލަދޭޝް ސަރުކާރުގެ އިރުޝާދާ އެއްގޮތަށް ބޭރަށް މިދަނޑިވަޅުގައި ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފައި ވާއިރު ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.

ހަމައެހެންމެ މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް އެދެ އެވެ.

ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު:

  •  ގުޅޭނެ ނަންބަރު: 8801329748885+/ 8801708120318+

  •  އީމެއިލް އެޑްރެސް: admin@maldivesbd.org

ބަންގްލަދޭޝް އަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން، ހާއްސަކޮށް މެޑިސިން ކިޔަވާ ދަރިވަރުން ގިނަ ގައުމެކެވެ.