ތައުހީދުގެ މަތިވެރި އަސާސުގައި ހިފަހައްޓައިފި ނަމަ، އަހުރެމެންނަކީ ކާމިޔާބުވެފައިވާ ބަޔަކަށްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި، އިސްލާމްދީނުގެ އަސާސަކީ ތައުހީދުކަން ފާހަގަ ކުރުމާއެކު ބުނީ ތައުހީދަކީ ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އެންމެ ފުރަތަމަވެސް އީމާންވުމަށް އަމުރުކުރައްވައިފައިވާ ކަންތައް ކަމަށެވެ. ﷲ سُبْحَانَهُ وَتَعَالَى އެންމެހައި ޖިންނީންނާއި އިންސީން އެ ކަމަކަށްޓަކައި ހެއްދެވުނު މަގުސަދަކީވެސް އެއީ ކަމަށާއި ފޮނުއްވި އެންމެހައި ނަބިއްޔުންނާއި ރަސޫލުން ވެސް ވަޑައިގެންނެވީ ތައުހީދުގެ މަތިވެރި އަގީދާއާއިގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ، ތައުހީދަކީ ﷲ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަން ގަބޫލުކޮށް، ޝިރުކުގެ އެންމެހައި އަމަލަކުން ދުރުހެލިވެ ރައްކާތެރިވުން ކަމަށާއި އެގޮތުން ތައުހީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައިވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި އަގީދާ ހާސިލެއް ނުކުރެވޭނެ ކަމަށެވެ.
ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީޡްތަކުގެ އަލީގައި އިލްމުވެރިން ތައުހީދު ބައްސަވާފައިވާއިރު ފުރަތަމަ ބަޔަކީ ހަލްގުކުރެއްވުމާއި ދިރުއްވުމާއި މަރުގެންނެވުމާއި ރިޒުގުދެއްވުމާއި ކައުނުގައިވާ ކަންކަން ތަދުބީރުކުރައްވައި ހިންގެވުމާއި މި އެންމެހައި ކަންކަން މިލްކުވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަމާއި މިކަންކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް ޝައްކެއްނެތި ގަބޫލުކުރުން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ތައުހީދުގެ ދެވަނަ ބަޔަކީ ހުރިހާ އަޅުކަމެއް ހަމައެކަނި މާތް ﷲ އަށް އަދާކުރުން ކަމަށާއި އެއީ ނަމާދުކުރުމާއި ރޯދަހިފުމާއި ދުއާކުރުމާއި ނަދުރުބުނުމާއި ގުރުބާންކުރުމާއި ބިރުވެތިވުމާއި ކަންކަމުގައި ވާތްގަށް އެދި ދެންނެވުމާއި އަޅުކަމުގެ ގޮތުން ކުރާ މިފަދަ ހުރިހާ އަމަލެއް ހަމައެކަނި އެކަލާނގެއަށް ހާސިލްކުރުން ކަމަށެވެ.
ހުތުބާގައި ބުނީ، ތައުހީދުގެ ތިންވަނަ ބަޔަކީ މާތް ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުން ކަމަށާއި އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ގަބޫލުކުރުން ކަމަށެވެ.
މީގެއިތުރުން ތައުހީދަކީ މާތް ރަސްކަލާނގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވުން ކަމަށް ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
"މިގޮތުން ތައުޙީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މިމަތިވެރި އަގީދާ ހާސިލެއް ނުކުރެވޭނެއެވެ. އަޅުތަކުންގެ މައްޗަށްވާ އެންމެ މަތިވެރި ހައްގަކީ މާރް ރަސްކަލާނގެއަށް ޝަރީކުނުކޮށް ހުރިހައި މާނައެއްގައި އެކަލާނގެ އެއްކައުވަންތަކުރުން." ހުތުބާގައި ބުންޏެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.