މާލެ ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީގެ ރ ރަސްމާދޫ އާއި ފ ބިލެތްދޫ ގެ ކައުންސިލްތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަނުގައި ރ ރަސްމާދޫ ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް އޮތް އިންތިހާބުގައި ވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާ އާއި ކުޅުފުއްފުށި ސިޓީ އުތުރު ދާއިރާ އާއި ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށާއި ބިލެތްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބު ކުރުމަށް ވޯޓު ލުމަށް ހުޅުވާލި ފޮށިތައް ބަންދުކޮށްފައި ވަނީ ހަވީރު 4:00 ގައެވެ.

ވޯޓު ފޮށިތައް ބަންދުކުރުމަށްފަހު ގުނަން ފެށުުމާއެކު ނަތީޖާތައްވެސް ދިޔައީ އިއުލާން ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް އިއުލާން ކޮށްފައި މިވަނީ ހުޅުމާލޭ ދާއިރާގެ ގޮނޑީގެ ނަތީޖާއާއި ހެންވޭރު ހުޅަނގުދާއިރާގެ ނަތީޖާއެވެ. ހުޅުމާލޭ ދާއިރާ އަލީ އައިމަން ކާމިޔާބު ކުރެއްވިއިރު، ފާތިމަތު ޝައުފާ ސަލީމް ވަނީ ހެންވޭރު ހުޅަނގު ދާއިރާ ކާމިޔާބުކޮށްފަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ގޮނޑިއަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އިބްރާހިމް އަހްމަދު ކާމިޔާބު ކުރެއްވީ 445 ވޯޓުންނެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޝަމްނޫޒް މުހަމައްދަށް ލިބިވަޑައިގެންނެވީ 185 ވޯޓެވެ. އަދި ފ. ބިލެތްދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން އަރީޙް އިސްމާއީލެވެ. މިގޮތުގެ މަތިން މިއަދު ވޯޓަށް ހުޅުވާލި 6 ބައި އިލެކްޝަނުގެ ވޯޓުން 5 ގޮނޑި ޕީއެންސީ މިވަނީ ކާމިޔާބުކޮށް ޕީއެންސީ ހުއްޓުމެއް ނެތި ކުރިއަށްދާ ކަން ރައްޔިތުންނަށް ޔަގީންކޮށްދީ އިދިކޮޅު ފަރާތްތަކަށް ހާމަކޮށްދީފައެވެ.