އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުޅިވަރަށް ހާއްސަކޮށް ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުގައި ފައިސާ ހިމަނާނެ ކަމަށާއި މިހާތަނަށް ކުޅިވަރަށް ނުކުުރާ ވަރަށް މަސައްކަތްކޮށް އިންގިލާބީ ބަދަލެއް ގެންނަވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފަރާތުން އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުންނާ ރާއްޖޭގެ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އުއްމީދަކީ ކުޅިވަރަށް ޓްރާންސްފޮމޭޝަނަލް ކުރިއެރުމެއް ގެނައުމަށްކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެއީ އެންމެން ބޭނުންވާ ގޮތްކަމަށްވާއިރު އެއީ އެންމެންގެ ސިޔާސަތުކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ނިންމައި އެކަންކަން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދެވޭ ފެންވަރަށް ކުޅިވަރު ކުރިއެރުވުމަށްޓަކައި އިންފްރާސްޓްރަކްޗާ ގާއިމްކޮށް، ކުޅިވަރަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުމަށް އެތައް ކަމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ކުރިއަށްހުރި މުބާރާތްތަކުގައި ރާއްޖޭގެ ގިނަ އެތުލީޓުންނަށް ބައިވެރިވެވޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސަރަހައްދީ ފެންވަރުގަ އާއި ބައިނަލްއަގްވާމީ މައިދާނުގައި އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުންނަށް ބައިވެރިވުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި އެ ލިބޭ ފުރުސަތުތައް އިތުރުކުރުމާއި ރާއްޖޭން ބޭރުން ވެސް ތަމްެރީނު ހޯދުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ތަރުތީބު ކުރެވިގެން ރޭވިގެން ކުރިއަށް ގެންދެވޭނެ ގޮތަށް މަސައްކަތް ތަރުތީބު ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.