ކ. ގާފަރު މަސްވެރިންނަށް ދާއިމީކޮށް އައިސްލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެރަށު ކައުންސިލުން، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އަރިހުން އެދިވަޑައިގެންފިއެވެ.

ކައުންސިލް މެމްބަރުން އެގޮތަށް އެދިވަޑައިގަތީ މިއަދު އެ ކައުންސިލްގެ މެމްބަރުން ޝިޔާމްއާ އެކުގައި ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލަވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު މުންތަސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އެ ބައްދަލުވުމުގައި، މަސްވެރިންނަށާއި ޒުވާނުންނަށް އެވުޒާރާއިން ކުރަން ރާވާފައިވާ މަސައްކަތްތައް ކާށިދޫ ދާއިރާގެ މެމްބަރު މުންތަސިމް އިބްރާހިމް އޮޅުން ފިލުއްވިއިރު ގާފަރުގައި ވަދު ކަނދު ފައްޗެއް އަޅައިދިނުމާއި ގާފަރު އައިސްޕްލާންޓުން މަސްވެރިންނަށް ދާއިމީކޮށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު 11 އައިސް ޕްލާންޓެއް ގާއިމްވުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެ ކަމެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.