މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުން ވަކި ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި މައްސަލަ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

ގަވަރުނަރު ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާ ދޭން މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. އެގޮތަށް އެ ކޮމިޓީން ނިންމީ ޖަވާބުދާރީވުމަށްޓަކައި ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގުމަށް ފަހުގައެވެ.

އެ މައްސަލަ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. އަދި ކޮމިޓީން އެ މައްސަލަ ފާސް ކުރީ އެ ވަގުތު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށް ވަގުތު ކަނޑައެޅުމަށް ރޭ އާންމު ކޮމިޓީގެ ޖަލްސާއެއް ބާއްވާފައިވާއިރު، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ދިހަ މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވަނީ މި މައްސަލައިގެ ބަހުސް ވަގުތުގެ ގޮތުގައި އެއް ގަޑިއިރު ކަނޑައެޅުމަށް ފާސްކޮށްފައެވެ.