ބ. އަތޮޅުގެ ދެ ރަށް ކަމަށްވާ ކިހާދޫ އާއި ކުޑަރިކިލުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އަމާޒު ހިފާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ދެ ރަށުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އުޅުނު މަޝްރޫޢުތަކެއް ކަމަށެވެ. ނަމަވެސް، ފެނަކައާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން އަމަލީ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން، އެ އެއްބަސްވުން ބާތިލުކޮށް މިހާރު އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އާރްއޯ ޕްލާންޓުގެ މަސައްކަތާއި ސްޓޯރޭޖް ޓޭންކްގެ މަސައްކަތް. މަޝްރޫޢުގެ 10 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި،" ކަމަށެވެ. މީގެ ކުރިން ކިހާދޫގެ މަޝްރޫޢު 2021 ވަނަ އަހަރު ފެނަކައާ ހަވާލުކުރީ 40 މިލިއަން ރުފިޔާއަށް ކަމަށާއި، އެކުންފުނިން މަސައްކަތުގެ 16 އިންސައްތަ ނިންމުމަށްފަހު މަސައްކަތް މެދުކަނޑާލާފައި އޮތްކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ފެނަކައަކީ މިފަދަ އުމްރާނީ މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެއް ނޫން ކަމަށާއި، އެ ކުންފުނިން މާލިއްޔަތު ގަވާއިދާ ހިލާފަށް މުޅި މަޝްރޫޢު ސަބްކޮންޓްރެކްޓް ކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ހަވާލުކުރި ކުންފުނިތަކަކީވެސް ތަޖުރިބާ ނެތް ކުންފުނިތަކެއް ކަމުން، މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓުނީ ކަމަށް ވަޒީރު ތުހުމަތު ކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމައަށް ގާއިމުކޮށް ނިންމުން ކަމަށްވެސް ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.