މި އަންނަ ހުކުރު ދުވަހުން ފެށިގެން ހުތުބާގެ ތަރުޖަމާ ވަގުތުން އިސްލާމީ މަރުކަޒުގެ ޓީވީތަކުން ފެންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރައްވާފައި ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ޝަހީމް ވިދާޅުވީ, މިއަންނަ ހުކުރު ހުތުބާގެ ތަރުޖަމާ ވަގުތުން އިސްލާމީ މަރުކަޒުގެ ޓީވީތަކުންނާއި, އިސްލާމިކް މިނިސްޓްރީގެ ލައިވް އިން ފެންނާނެ ކަމަށެވެ.

ހުކުރު ހުތުބާގެ ތަރުޖަމާ އިނގިރޭސިބަހުން ލައިވްކޮށް ގެނެސްދިނުމަށް މިނިސްޓްރީން މިއަދު ނިންމިއިރުގައި އިސްލާމިކް މިނިސްޓްރީއިން އިޝާރާތުގެ ބަހުން ވެސް ހުތުބާ ގެނެސްދެއެވެ.

ރާއްޖޭގައި ތަރުޖަމާކޮށް ހުތުބާ ގެނެސްދޭން ނިންމާފައިވާއިރު މި ގައުމުގައި ދިރިއުޅޭ ބިދޭސީނަށް ހުތުބާގައި ކިޔާ އެއްޗެއް އެނގިގެން ދާނެއެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން ދިރިއުޅޭ ގައުމަކަށްވީ ހިނދު, އެމީހުން އިޖްތިމާއީ މިންގަނޑުތަކާއި އަހްލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް އެގައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.