މިއަހަރުގެ މިހާތަނަށް އައިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުޑަކުއްޖަކު އާއިލާތަކާއި ހަވާލު ކުރެވިފައިވާ ކަމަށް ވަޒީރު، ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލާއެއްގެ ލޯބި ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެހެންކަމަށްވުމާއެކު، ކުރި މަސައްކަތުން މިއަހަރު މިހާތަނަށް 22 ކުދިން އާއިލާއަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރެވުނު ކަމަށާއި ވަރަށް ތުއްތު ކުދިން ފޯސްޓަރ ކުރަން ބޭނުންވެގެންވެސް ރިކުއެސްޓު ކުރާކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

"ކުރީގައި އަޅުގަނޑުމެންނަށް އަންނާނެ އެންމެ ތުއްތު ކުދިން ފޮސްޓަރ ކުރަން ބޭނުންވެގެން. އެކަމަކު މިހާރު އެބަ ފާހަގަކުރެވޭ ތަންކޮޅެއް ބޮޑެތި ކުދިންވެސް އަދި 11، 12 އަހަރުވެސް، 7 އަހަރުގެ ކުދިންވެސް، އެގޮތަށް ތަންކޮޅެއް އުމުރުން މަތިވިޔަސް މިހާރު އެބަ ރިކުއެސްޓްތަކެއް އެބަ އާދޭ! އެކަމާއި އަޅުގަނޑުމެން ވަރަށް ހިތްހަމަ ޖެހޭ އެއީ، ކޮންމެ ކުއްޖަކަށްވެސް އާއިލާއެއް އެބަ ބޭނުންވޭ." ޑރ. ޢައިޝަތު ޝިހާމް ވިދާޅުވިއެވެ.

އެކަމަނާ އުއްމީދު ކުރައްވަނީ މުޖުތަމައުގެ ތެރެއިން ގިނަ ބަޔަކު، ކުދިން ބަލައިގަނެ، އަދި އެކުދިން ގެންގޮސްގެން ރަނގަޅަށް ބަލަަހައްޓައި ދޭނެ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އަތޮޅުތަކާއި މާލޭގައި ހުރި ކުޑަކުދިން ބަލަހައްޓާ ދައުލަތުގެ މަރުކަޒުތަކުގައި މިހާރުވެސް 167 ކުދިން އެބަތިއްބެވެ.

ވަޒީރު ވިދާޅުވީ ހިޔާއަށް މިގޮތަށް ގެންނަ ކޮންމެ ކުއްޖަކާމެދު ވެސް ފޯކަސްއަކީ ގިނަދުވަހު ހިޔާގައި ބެހެއްޓުން ނޫން ކަމަށާއި ވީހާވެސް އަވަހަށް ހަމަޔަށް އަންނަ ހިސާބުންވެސް އަނބުރާ އާއިލާއަކަށް ދެވޭނެ މަގުތައް ފަހިކުރުން ކަމުގައެވެ. މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ވަރަށް މަދު ކަމަށާއި އެކި ސަބަބުތަކާ ހުރެ ދައުލަތަށް ނަގަން ޖެހޭ ކުދިންގެ އަދަދުވެސް މިހާރު މަދުވެގެން ދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.