އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭއަށް އައްޔަނުކުރައްވާފައި ހުންނަ ޖަޕާނުގެ އެމްބެސެޑަރ ޓަކެއުޗީ މިޑޯރީ އާއި ބައްދަލުކުރައްވައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ވުޒާރާގެ ނައިބު އައިމިނަތު ނަމްޒާ، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ލިއުޝާ ނަޝީދް އަދި ޕްރޮގްރާމް އޮފިސަރ ޢައިޝަތު ސާހާ ސޮބާހްއެވެ.
ޖަޕާނަކީ އިސްރަށްވެހިންނަށް ވަރަށް ބޮޑު ހާއްސަ ސަމާލުކަމެއް ދީގެން ސިޔާސަތުތައް ކަނޑައަޅާއިވާ ޤައުމެކެވެ. އެހެންކަމުން ރާއްޖޭގައި އިސްރަށްވެހިންނަށް ޚާއްސަކޮށް ޕްރޮގްރާމްތަކާއި އޮނިގަނޑުތަކާއި އުސޫލުތައް ކަނޑައަޅާއިރު ޖަޕާނުގެ ސިޔާސަތުތަކުން ވަރަށް ގިނަ ކަންކަން ރާއްޖެއަށް ދަސްކުރެވިދާނެކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމްވަނީ ޖަޕާނާއެކު ފުރަތަމަ ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.
އެހެންކަމުން އެ ބައްދަލުވުމުގައި ޖަޕާނުގެ އެމްބެސެޑަރ ވަނީ އެޤައުމުގައި އިސްރަށްވެހިންނަށް ޚާއްސަކުރެވިފައިވާ ގިނަ ސިޔާސަތުތަކެއްގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން އިސްރަށްވެހިންނަށް ޚާއްސަކޮށް ކުރިއަށްގެންދާ މާލީގޮތުން އަހުލުވެރިކަން އިތުރުކުރުމުގެ ސިޔާސަތުތަކާއި، ޓެކްނޮލޮޖީ ބޭނުންކުރުމަށް އިތުރަށް އަހުލުވެރިކުރުމަށް އެކުލަވާލެވިފައިވާ ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ޞިއްހީ އިންޝުއަރެންސާއި، ޕެންޝަން އަދި ކެއަރ އިންޝުއަރެންސާއި ގުޅޭ ތަޖުރިބާތައްވެސް ވަނީ ހިއްސާކުރައްވާފައެވެ.
އެންމެހައި މަޢުލޫމާތުތައް އެއްކުރައްވާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ހިއްސާކުރެއްވީތީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްވަނީ ޖަޕާނުގެ އެމްބެސެޑަރއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މުސްތަޤްބަލުގައި ކުރިއަށްގެންދެވޭ ޕްރޮޖެކްޓުތައް ބައްޓަންކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ މަޢުލޫމާތުތަކެއް ހިއްސާކުރެއްވީތީ، އެކަންވެސް ވަޒީރު ފާހަގަކުރައްވާ ޝުކުރުދެންނެވިއެވެ. އަދި އެއާއެކު، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ފަރާތުން ލިބިފައިވާ ފުރުޞަތުތައް ފާހަގަކުރައްވާ އެ ފުރުޞަތުތަކަށް ވަޒީރު ޝުކުރު ދެންނެވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައިވެސް އިޖުތިމާޢީ ރައްކާތެރިކަމާއި، އިސްރަށްވެހިންނާއި، އަންހެނުންނާއި، ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކުން ޖައިކާގެ ތަމްރީނުތަކަށް އިތުރު ފުރުޞަތުތައް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ޖަޕާނުގެ އެމްބެސެޑަރ އެރުއްވިއެވެ.
މި ބައްދަލުވުމަކީ ވަރަށް މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދެވުނު ބައްދަލުވުމެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.