ވައިގެ މަގުން ރާއްޖެ އައި ނެދަލޭންޑު މީހެއްގެ އަތުން ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއައި ނެދަލޭންޑްސްގެ 30 އަހަރުގެ ފިރިހެނެއްގެ އަތުން ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި ފެނިފައި ވަނީ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ފޮރުވާފައިވާކަމަށް ބެލެވިގެން، އެ ފޮށިތަނބު ބަލައި ފާސްކުރެވުމުން ކަމަށެވެ. އަދި ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނުމުން އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކޮށްފައި ވާކަމަށެވެ. އަދި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯންއަށް ޕޮޒިޓިވްވެފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 6.070 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު 9.01 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކޮށްފައިވެއެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗާއެކު ނެދަލޭންޑްސް މީހާ ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.