ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގެ ހޭޅިފަށާއި ގޮނޑުދޮށް ސާފްކުރުމުގެ ސިލްސިލާ ޕްރޮގްރާމެއް ހުވަދޫ ސްވިމިންގ ކްލަބްއިން އިސްނަގައިގެން ފެއްޓުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
"ތާހެރެކެރަމާ" ނަމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ކޮންމެ މަހަކުވެސް ހުވަދުއަތޮޅުގެ ކޮންމެވެސް އެއް ރަށެއްގެ ހޭޅިފަށާއި، ގޮނޑޮދޮށް އަދި މޫދު ސަރަހައްދު ސާފްކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެ ކްލަބުން ވަނީ ނިންމާފައެވެ. އެގޮތުން މިޕްރޮގްރާމް ފަށަން ނިންމާފައިވަނީ އަންނަ ހޮނިހިރުދުވަހުއެވެ. އަންނަ ހޮނިހިރު ދުވަހު ތިނަދޫގެ ގޮނޑުދޮށްތަކާއި ހޭޅިފަށް ސާފްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމަށް އެކްލަބްއިން ވަނީ ވިދާޅުވެފައެވެ. މިހަރަކާތުގައި އެރަށެއްގެ ހުރިހާ މުވައްސަސާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ހުވަދޫ ސްވިމިންގއިން ވަނީ ވިދާޅުވެފައެވެ.
މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ހޭލިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަހައްދުތައް ސާފްކޮށް ބެލެހެއްޓުމުގެ މުހިންމު ކަމަށް އަލިއަޅުވާލާ ހޭލުންތެރިކަން އިތުރުކޮށް އަމަލީގޮތުން ސާފްކުރުމެވެ.
ހުވަދޫ ސްވިމިންގ ކްލަބަކީ ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގައި، މޫދު ކަސްރތާއި ގުޅޭ އެކި އެކި ހަރަކާތްތައް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. މިހާރުވެސް ފަތަން ދަސްކޮށްދިނުމުގެ ބޮޑު ޕްރޮގްރާމެއް މިޖަމިއްޔާގެ ފަރާތުން ތިނަދޫގައި ކުރިޔަށް އެބަގެންދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.