ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއް ގާއިމު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، އަދި ދިވެހި ސިފައިންގެ އިސްވެރިންނާ ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައްޔިތުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސަލާމަތީ އަދި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕްލައިނެއް ގާއިމު ކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ ސިއްހަތާ ބެހޭ ވުޒާރާއިންނެވެ. މި ހެލްޕްލައިން ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެތެރޭގެ ސަލާމަތާއި ޓެކްނޮލޮޖީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.