ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް މީޓަރުތައް ހަރުކޮށް ނިންމާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީތަކުގައި ފެނަކައިން ސްމާޓް މީޓަރު ހަރުކޮށް އެ ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ ސްމާޓް މީޓަރު ޕްރޮޖެކްޓަކީ ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ބާރު ލިބިގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ.
ސްމާޓް މީޓަރު ޕްރޮޖެކްޓަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ފެނަކަ ކުންފުނީގެ ކަސްޓަމަރުންނަށް، އެ ކުންފުނީގެ ހިދުމަތް ލުއިފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިއާ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ދުވަހެއްގައި ވެސް ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު ފޯނުން ބެލޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ވެސް ކަރަންޓު ހިނގާ މިންވަރު އެއް ގަޑިއިރުން ބަލައިލެވޭނެ ގޮތެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފެނަކައިގެ ބެލުމުގެ ދަށުގައި އޮންނަ 157 ރަށްތަކަށްވެސް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ އެ ސްމާޓް މީޓަރުތަކުގެ ސަބަބުން ކަރަންޓުގައި ލީކެއް ހުރި ނަމަ ނުވަތަ އެހެން ކަހަލަ އިތުރު އެއާކޯންތަކެއް ޖެހިފައި ހުރި އެކަހަލަ ކަންތައްވެސް އެނގިގެންދާނެ ކަމަށާއި އެއީ ކޮންކަހަލަކަމެއް ވެގެންތޯ ބަލާ ވަގުތުން ވަގުތަށް ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.