ޕާކެއް ބަންދުކުރި މައްސަލައިގަ ރައީސް މުއިއްޒަށް ވަރަށް ހަޑިކޮށް ޔާމީން އެއްޗެހިކިޔާ ހެދި ކަމަށާއި ރައީސް ޑރ މުއިއްޒާމެދު ރަައީސް ޔާމީން ހުންނަވަނީ ޒާތީވެވަޑައިގެންފައި ކަމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

މިރޭ ފޭސްބުކް ވީޑިޔޯއެއްގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ބުރިޖު ލޭނާ ބެހޭ ގޮތުން ހަގީގަތް ހާމަކުރެއްވުމަށް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު، އޭރުގެ ހައުސިންގ މިނިސްޓަރަކަށް ހުންނެވި މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒާމެދު ކަންތައް ކުރައްވާފައިވާ ބައެއްކަހަލަ ގޮތްތަކުގެ ވާހަކަ ހާމަކުރައްވާފައެވެ.

އެގޮތުން އަދީބު ވިދާޅުވީ، ރައީސް ޔާމީން ރައްޓެހި ގޭންގެއްގެ ޕާކެއް ބަންދު ކުރެއްވި މައްސަލައިގަ ރައީސް ޔާމީން، ޑރ މުއިއްޒާ ދިމާއަށް ވަރަށް ހަޑިކޮށް އެއްޗެހި ކިޔުއްވި ކަމަށެވެ.

"އެއީ އެތަނުގައި ސުކޫލު ކުއްޖެއް މަރާލާފައިވާތީ އެތަން ބަންދުކޮށްފައި ހުރެގެން ރައީސް މުއިއްޒަށް ގުޅައި ވަަރަށް ހަޑިއެއްޗެހި ކިޔައިހެދި އަޅުގަނޑު ހަނދާން އެބަހުރި، ކެބިނެޓްގަވެސް ޑރ ވަހީދުގާތުގައި ވަރަށް ހިތާމައާއެކު ރައީސް ޑރ މުއިއްޒު އެވާހަކަ ދެންނެވި. އޭގެ ފަހުން ޔާމީން ގެންގުޅުއްވަނީ ޒާތީ ގޮތެއް ރައީސް ޑރ މުއިއްޒާމެދު،"

އަދީބު ވިދާޅުވީ އެފަހަރު އެމްޑީއޭއިން ހުށަނޭޅުއްވިނަމަ ހައުސިންގ މިނިސްޓަރކަމެއްވެސް ޑރ މުއިއްޒުއަށް ނުދެއްވީސް ކަމަށެވެ. އަދި އޭރު ވަރަށް ބޮޑަށް ޑރ މުއިއްޒު ހުރީ އެކަހެރި ކުރައްވާފައި ކަަމަށްވެސް އަދީބު ވިދާޅުވިއެވެ.