ކުރިއަށް އޮތް ތަނުގައިވެސް ދަރިވަރުންނަށް ސްޓޫޑަންޓް ލޯނުގެ ފައިސާ އެއްވެސް ދަތިކަމެއްނެތި ދައްކަމުން ގެންދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދަރިވަރުންގެ ސްޓޫޑަންޓް ލޯނު ދެއްކުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އަހައްމިއްޔަތުކަން ދޭ އެއް މަސައްކަތް ކަމަށެވެ.
"ދަރިވަރުންނަށް ދަތިތައް ކުރިމަތިނުވާނެ ގޮތަށް އެކަން ކުރައްވާނެ. އެހެންވީމާ އެކަމުގައި މިހާތަނަށް މަސައްކަތްކުރައްވަމުން ގެންދަވަނީ އެގޮތަށް. އިރާދަކުރެއްވިއްޔާ ސްޓޫޑަންޓް ލޯނު ކުރިއަށްއޮތް ތަނުގައި ލިބެމުންދާ ގޮތަށް އެއްވެސް ދައްޗެއް ނެތި ލިބެމުންދާނެ،" ހީނާ ވިދާޅުވިއެވެ.
މި ބަޔާން އައިސްފައިވަނީ ދާދިފަހުން ސޯޝަލް މީޑިއާގައި ބައެއް ދަރިވަރުން ސްޓޫޑަންޓް ލޯނުގެ ފައިސާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ ދަރިވަރުން ވަނީ މިކަމާ ގުޅިގެން ކިޔެވުން ކުރިއަށް ގެންދިއުމަށް އުނދަގޫތަކެއް ދިމާވެފައިވާ ކަމަށްވެސް ފާހަގަކޮށްފައެވެ.
ހީނާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ކިޔަވާ ކުދިންގެ ލޯނަކީ އެ ކުދިންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް، ގަވާއިދުން ދެއްކެމުންދާ އެއްޗެއްގެ ގޮތުގައި ބެލެހެއްޓުން ކަމަށެވެ. އަދި މިކަމަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މި ބަޔާނާއެކު، ކުރިއަށް އޮތް ތަނުގައި ދަރިވަރުންނަށް ސްޓޫޑަންޓް ލޯނުގެ ފައިސާ ލިބުމުގައި ދަތިތަކެއް ނުހުންނާނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.