ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ހ.ޔެލޯރޯޒް، ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، ޢައްބާސް ޝަރީފު އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.
ޢައްބާސް ޝަރީފު އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަޤާމުތަކުގެ ތެރޭގައި ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަޤާމާއި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ހިމެނެއެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި އަދި ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ. ޢައްބާސް ޝަރީފު ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި ޢައްބާސް ޝަރީފަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.