ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކޮށް ތަރައްގީ ކުރުމަށްޓަކައި، މެރިކަލްޗަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމެއް ހިންގުމަށް ގަސްދުކޮށް އެތަކެތި ގަތުމަށް އެދި ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ކުރި އިއުލާނެއްގައި ބުނީ މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ އަމިއްލަ ފަރާތްތަކަށް ލިބޭނޭ ގޮތް ހެދުމުގެ މަގުސަދަކީ ފާނަ ބޮޑުކޮށްގެން މެރިކަލްޗރގެ ވިޔަފާރި ކުރުމަށް މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން، 3 މީޓަރ × 3 މީޓަރުގެ 8 ގޮޅި ހިމެނޭ (ޖުމްލަ 72 އަކަ މީޓަރު) ގެ ޖުމްލަ 57 މޫދުކޮށި (ކޮށީގެ ފްރޭމާއި ދާގަނޑުތަކާއި ވަލާއި ނަގިލި ހިމެނޭ ގޮތަށް)، ކޮށިސެޓެއް 100,000 ރުފިޔާގެ މަގުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވަނީ ކޮށީގެ އަގު ދައްކާ ޚަލާސްކުރާ ތަރުތީބުން އެ ފަރާތްތަކަށް ކަމަށާއި މި ޕްރޮގްރާމްގެ ދަށުން، ގަންނަ މޫދު ކޮށި ކ. މަނިޔަފުށިން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ ކޮށި ގަންނަ ފަރާތްތަކުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.