ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ގާއިމުކޮށްފައިވާ އެކްސްކުލޫސިވް ޕާޓްނަރޝިޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ޚިދުމަތް ދިވެހިރާއްޖޭގައި ދެމުން އަންނަތާ 20 އަހަރު ފާހަގަކުރުމަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސްގެ ގުޅުމަށް 20 އަހަރު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ވަނީ ފަށާފައެވެ. މި ހަރަކާތްތައް ފެށިފައިވަނީ މިދިޔަ ޖުލައި މަހު ބޭއްވި އިވެންޓަކުންނެވެ. ބީއެމްއެލްއިން ބުނީ މި ސިލްސިލާ ހަރަކާތްތަތަކުގެ ތެރެއިން މިއަދު އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ހުޅުވާލާފައިވާ ކަމަށެވެ. ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ކާޑު މެންބަރުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރިކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް ގުރުއަތެއްގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ފްލައިޓް، ކާރު ނުވަތަ ހޮޓެލް ބުކް ކުރުމަށް ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުންނާއި ނުވަތަ އެމެޒޯން، އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މަރޗަންޓްތަކުން ގިފްޓް ކާޑު ގަތުމަށްވެސް ބީއެމްއެލް ރިވޯޑް ޕޮއިންޓް ބޭނުންކުރެވޭނެ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކަން އެކްސްޕްރެސްގެ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފްކޮށް އަދި އެއަށްފަހު ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބީއެމްއެލްއިން ތައާރަފުކުރެވުނުކަމީ ބީއެމްއެލްއަށް ލިބުނު ފަޚުރެއް ކަމަށެވެ. 20 އަހަރުގެ އެކްސްކްލޫސިވް ޕަރޓްނާޝިޕާއެކު، އެމެރިކަން އެކްސްޕްރެސްއަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކަން އެސްޕްރެސް އިން އަބަދުވެސް އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ޚާއްސަ އޮފަރތައް ފޯރުކޮށްދޭ. އަޅުގަނޑުމެން މިފަހުން ތައާރަފުކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ވެފައިވަނީ، އެ ކާޑުން ލިބޭ ޚާއްސަ ފައިދާތަކާއެކު ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޓަކްޓަކަށް.

ބީއެމްއެލްއަކީ 345،000 އަށްވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މަރޗަންޓުންނާއެކު ރާއްޖޭގައި އެންމެ ގިނަ ކާޑު ދޫކުރާ އަދި ކާޑުގެ ޚިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް އިޝުއަރ އަދި މަރޗަންޓް އެކުއަރިންގ ޕާރޓްނަރެވެ.