އުފެއްދުންތެރިކަން އިތުރުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ. ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ އދ. ގެ "ސަމިޓް އޮފް ދަ ފިއުޗަރ" ގެ އިންޓަރެކްޓިވް ޑައިލޮގްގައި ކޯ-ޗެއާގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ މުޢިއްޒު މި ބައްދަލުވުމުގައި ޑިޖިޓަލައިޒޭޝަންގައި ގައުމުތަކުގެ މެދުގައި އޮތް ތަފާތުތައް ނައްތާލުމަށް ގޮވާލައްވައި، މިކަމާ ގުޅޭ ތިން ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ޑިޖިޓަލް އިޤްތިޞާދުގައި ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، އަދި ޑިޖިޓަލައިޒޭޝަންއާއެކު މީހުންގެ ޙައްޤުތައް ރައްކާތެރިކުރުން ހިމެނެއެވެ.

ރާއްޖޭގައި މިހާރުވެސް ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ މެދުވެރިކޮށް މި ދާއިރާއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ހުނަރުތަކަށް އިންވެސްޓްކޮށް، ދިވެހިންގެ އީޖާދީ މަސައްކަތްތަކާއި އިޤްތިޞާދު ސިންދަފާތު ކުރުމަށް ހިތްވަރު ދެމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ މާކެޓްޕްލޭސްތަކާއި ވަޒީފާގެ މާހައުލުގައި ބައިވެރިވުމަށް ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ މުހހިންމުކަން ފާހަގަކުރައްވައި، ހައި-ސްޕީޑް އިންޓަނެޓް ކަވަރޭޖް ފުޅާކުރުމާއި، އަސާސީ ޚިދުމަތްތައް ޑިޖިޓަލް ކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް އޭއައި ބޭނުންކުރުމަކީ ސަރުކާރުން އިސްކަންދޭ ކަންތައްތަކެއް ކަމުގައި ވިދާޅުވިއެވެ.

ހުއްދައާ ނުލައި އެކްސެސްތައް ހޯދުމާއި، އެކައުންޓުުންޓުތައް ހައިޖެކް ކުރުމާއި ޑޭޓާ ޕްރައިވެސީއާ ގުޅުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގޮތުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ އުފައްދާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މާދަމާ ވަނީ އާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އދ. ގެ ސަލާމަތީ މަޖިލީހުގައިވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެއެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމާއި އޭއައި ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކުރައްވާނެ ކަމަށް ލަފާކުރެވެއެވެ.