ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކަށް މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމަށާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމަށް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމްތަކުގެ ސަބަބުން ތަންފީޒީ އިދާރާތަކަށް ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި އައު ނިޒާމް ތައާރަފްކުރުމުން، އެހެން ގައުމުތަކެކޭ އެއްފަދައިން، ޒަމާނީ ފެންވަރުގައި އެފަދަ އުޅަނދުތައް މޮނިޓަރކޮށް، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ނިޒާމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޓްރެކްކުރެވި، އުޅަނދުގެ ވެރިފަރާތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.