އެއްގަމު އުޅަނދުތަކުގެ ތާޑް ޕާޓީ އިންޝުއަރެންސްގެ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް ޚިދުމަތް ދިނުން މެދުކަނޑާލުމާއި، އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ނަވާޒް ޝަރީފް ޕީއެސްއެމް ނިއުސްއަށް ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެކްސިޑެންޓްތަކުގައި ގެއްލުންވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ލިބިދިނުމެވެ.
"އަޅުގަނޑުމެން މިހާރު މި ގެންނަ ބަދަލުތަކުގެ ސަބަބުން، ތާޑް ޕާޓީ އިންޝުއަރެންސް ރަމްޒީ އެއްޗެއްގެ ގޮތުގައި އޮތް އޮތުމޮތުމަށް ނިމުމެއް އަންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ އޭގެ މަންފާ ސީދާ ރައްޔިތުންނަށް ލިބިގެން ދިއުން،" ނަވާޒް ވިދާޅުވިއެވެ.
މި އައު އުސޫލުގެ ދަށުން، އިންޝުއަރެންސް ކަވަރޭޖް ނެތި އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެ ކަމަށާއި، އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް ވުޒާރާއިން އެއްވެސް ޚިދުމަތެއް ނުދެވޭނެ ކަމަށް ނަވާޒް ހާމަކުރެއްވިއެވެ. މީގެ އިތުރުން، އިންޝުއަރެންސް ކުންފުނިތަކުގެ ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ނަވާޒް ފާހަގަކުރެއްވިއެވެ. މި ބަދަލުތަކަކީ މާލެ ފަހި ޕްރޮގްރާމްގެ ދަށުން ދަތުރުފަތުރުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ސަބަބުން، އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ނަވާޒް އުންމީދު ކުރައްވައެވެ. މި ބަދަލުތައް ތަންފީޒުކުރަން ފެށޭނެ ތާރީޚެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.