ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ހިޔާނާތުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ އިޚްތިޞާޞް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވާތީ، މި މައްސަލަ އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން އޭސީސީއަށް ހުށަހަޅާފައިވަނީ ޕީއެސްއެމްގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވިފައިވާ ކޮރަޕްޝަންގެ މައްސަލައެކެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެސްއެމްއިން ޑޮލަރު މާރުކުރުމަށާއި، އާމްދަނީއާއި ތިޖޫރީން ޖުމްލަ 9 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ ފައިސާ ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.
ރިޕޯޓުގައި ތަފްޞީލުކޮށްފައިވާ ގޮތުގައި، 2020 އިން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެކައުންޓަށް ޖަމާކޮށްފައިވާ 4.6 މިލިއަން ރުފިޔާއާއި، 2017 އިން 2024 ވަނަ އަހަރުގެ އޭޕްރީލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން 4.3 މިލިއަން ރުފިޔާ، އަދި ތިޖޫރީގައި ހުރި 190,000 ރުފިޔާ ގެއްލިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، 2020 އިން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން 373,988 ޑޮލަރު ގަތުމަށް 5.8 މިލިއަން ރުފިޔާ ނަގާފައިވެއެވެ. ނަމަވެސް، މި ފައިސާގެ 80 އިންސައްތަ އަނބުރާ ޕީއެސްއެމްއަށް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގައި ފާހަގަކުރެވޭ މުހިންމު ނުކުތާތަކުގެ ތެރޭގައި ޕީއެސްއެމްގެ މާލީ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަމާއި، ޑޮލަރު މާރުކުރުމުގެ ނަމުގައި ބޮޑު އަދަދެއްގެ ފައިސާ ގެއްލިފައިވާކަން ހހިމެނެއެވެ. އަދި ކުންފުނީގެ އިސް މުވައްޒަފުންނާއި އެ ފަރާތްތަކުގެ ޢާއިލާ މެންބަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރެވިފައިވާކަމާއި، މާލީ މުޢާމަލާތްތަކުގައި އެކަށީގެންވާ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަންވެސް ފާހަގަކުރެވެއެވެ.
މި މައްސަލަ ޢާންމުވުމާ ގުޅިގެން، ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު އަޙްމަދު ހަނީފް ވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ވަގުތީގޮތުން ސަސްޕެންޑް ކުރެވިފައެވެ. އަދި އޭގެ ފަހުން، 2023 ވަނަ އަހަރުގެ މާރިޗު މަހު އޭނާ ވަނީ ވަޒީފާއިން ވަކިކުރެވިފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޑޮލަރު ގަތުމަށް ހިންގާފައިވާ މުޢާމަލާތްތަކުގެ ތެރެއިން 4.5 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ޗެކް މެދުވެރިކޮށް ކަމަށާއި، އޭގެ ތެރެއިން 968,580 ރުފިޔާއާ ހަވާލުވެ، ސޮއިކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް 1,284,479 ރުފިޔާ ޑޮލަރު ގަތުމަށް ނަގާފައިވާއިރު، ޖުމްލަ 75,491 ޑޮލަރަށްވާ 1,164,068 ރުފިޔާ އެކި ފަހަރުމަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދެ ދަރިއެއްގެ ބޭންކް އެކައުންޓަށްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.