ބަލިމީހުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފަރުވާދިނުމުގައި ހުރިހާ ސިއްޙީ ޚިދުމަތްތެރިންވެސް މިހާރަށްވުރެ ރައްކާތެރިވާން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
މެޑަމް ސާޖިދާ މިގޮތަށް ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން އައްޑޫ ސިޓީގައި ބޭއްވުނު ހާއްސަ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މުޅި ސިއްހ ނިޒާމުގައި ހަރަކާތްތެރިވާ އެންމެންގެ ޝާމިލުވުން ބޭނުންވާ ކަމެއް. ކޮންމެ މީހަކުވެސް، ކޮންމެ ވަގުތަކުވެސް މަސައްކަތް ކުރަންވާނީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތުގެ ރައްކާތެރިކަމަކީ ދިވެހިންގެ އިތުރުން ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ލިބިދޭންޖެހޭ ހައްގެއް ކަމަށެވެ. މީގެ އިތުރުން، ސިއްޙީ ޚިދުމަތް ދިނުމުގައި ބަލިމީހާއަށް ބޭނުންވާ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބޭނުންވާ އުޞޫލުތަކާއި މުޅި ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމާއި އަހުލުވެރިކުރުމަށް އެދިވަޑައިގަތެވެ.
މެޑަމްސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ބަލިމީހުންގެ ރައްކާތެރިކަމަށް އަލަށް ތަޢާރަފްކުރެވުނު އިސްތިރާޖީ ޕްލޭން ތަންފީޒުކުރުމާއި، ބަލިމީހާގެ ބަލި އަވަހަށް ދެނެގަތުމާއި، ބޭސްފަރުވާގެ ކަންކަން އަވަސްކުރުމާއި، ދާއިރާގެ މުވައްޒަފުންގެ މަޢުލޫމާތު މުސްތަހަދިވެގެން ދިޔުމަކީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުވެގެން ދާނެ ކަމެކެވެ.
"ބަލިމީހުންގެ ސަލާމަތަށްޓަކައި އައު އުސޫލުތަކާއި އައު ވަސީލަތްތައް ތަޢާރަފްކުރެވި ފުރިހަމައަށް އެކަންކަން ތަންފީޒު ކުރެވެން ފަށާ ދުވަހަކީ ދިވެހި ސިއް ސިއްޙީ ދާއިރާ އައު އުސްމިންތަކަކަށް ދަތުރުކުރުން," މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މި އަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ "ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ގޮތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުން" އެވެ. މިއީ މި ފެންވަރުގައި މާލެއިން ބޭރުގައި ބޭއްވުނު ފުރަތަމަ ކޮންފަރެންސެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.